ޣައްޒާ ސިޓީގެ ދެކުނު-ހުޅަނގުގައިވާ އިސްލާމިކް ޔުނިވަރސިޓީއަށް އިޒްރޭލުގެ ޑްރޯންތަކުން ދިން ދެ ޙަމަލާއެއްގައި މަދުވެގެން 3 ފަލަސްޠީނު މުސްލިމުން ޝަހީދުވެ، ގިނަ ދަރިވަރުންތަކެއް ޒަޚަމްވެއްޖެއެވެ.
އާދީއްތަ ދުވަހު އެންމެ ފުރަތަމަ އިޒްރޭލުގެ ޑްރޯނަކުން ޙަމަލާދިނީ ޔުނިވަރސިޓީ ކޭމްޕަސް ތެރޭގައި ތިބި ދަރިވަރުންގެ ގްރޫޕަކަށެވެ. އިންޒާރެއް ނެތި ދިން މި ކުއްލި ޙަމަލާގައި ގިނަ ޢަދަދެއްގެ އާންމުންނާއި ދަރިވަރުން ވަނީ ޒަޚަމްވެފައެވެ.
ފުރަތަމަ ޙަމަލާދިންތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން، ޔުނިވަރސިޓީގެ މައި ދޮރާށި ކައިރިއަށް އިޒްރޭލުގެ ޑްރޯނަކުން ވަނީ ދެވަނަ ޙަމަލާއެއް ދީފައެވެ. އެވަގުތަކީ އަނިޔާވި މީހުންނާއި ދަރިވަރުން ޔުނިވަރސިޓީއިން ނުކުންނަން އުޅުނު ވަގުތެކެވެ. މި ޙަމަލާގައި 3 މީހުން ޝަހީދުވިިއިރު، އިތުރު ބަޔަކު ވަނީ ބޮޑެތި ޒަޚަމްތަކާއެކު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެކަކުގެ ޙާލަތު އިންތިހާއަށް ނުރައްކާތެރިއެވެ.
ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީއަކީ ފަލަސްޠީނުގެ އެންމެ ބޮޑު ތަޢުލީމީ އެއް މަރުކަޒަށްވާއިރު، އިޒްރޭލުން ދަނީ ސިލްސިލާކޮށް ޣައްޒާގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.














