ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ކުރިން ފެށިގެން ދުރުވިސްނުންތެރި ތަސައްވުރެއް ގެންގުޅުއްވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިހެން ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ދާއިރާ ކުރިއެރުވުމަށާއި، އައު ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ އިޤުތިޞާދީ ހާލަތު ބަދަލުކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ކުރީއްސުރެ ރާއްވަވާފައިވާ ހަރުދަނާ ތަސައްވުރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ. އަދި އާންމުކޮށް ކުރިއަށްދާ ސަގާފީ ވިޔަފާރިތަކުގެ އިތުރުން ޑިޖިޓަލް އިޤުތިޞާދާއި މާލީ ދާއިރާ ފުޅާކޮށް، ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ދައުރު ބޮޑުކުރުމަށް ޚާއްޞަ އަމާޒެއް ހިފާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ބޭނުންވާ މުހިންމު އިޤުތިޞާދީ އަދި އުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ބާރުމިނެއްގައި ކުރިއަށްދާކަން ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ މި ދުރުވިސްނުންތެރި ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިޤުތިޞާދަށް އިންގިލާބީ ބަދަލުތަކެއް އައިސް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުގެ ދަށުން ރާއްޖޭގައި ޑިޖިޓަލް އިޤުތިޞާދެއް ޤާއިމުކުރުމަށް ބޮޑު އިސްކަމެއް ދެމުންދާއިރު، ކުރިއަށް އޮތް 2030 ވަނަ އަހަރާ ހަމައަށްދާއިރު ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތަ ޑިޖިޓަލް އިޤުތިޞާދުން ހިއްސާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކާއި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖެއަށް ތަޢާރަފުކޮށް، އީ-ކޮމާސްއާއި އީޖާދީ ވިޔަފާރިތަކަށް މަގުފަހިކުރުމުގެ މަސައްކަތްތައްވެސް އިޤުތިޞާދީ ވުޒާރާއިން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ވާދަވެރި މާހައުލަކަށް ހެދުމަށާއި، ކްރިއޭޓިވް އިކޮނޮމީގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އުފެއްދުންތެރިންނަށް އައު ފުރުޞަތުތައް ހޯދައިދިނުމަކީވެސް ރައީސް މުޢިއްޒުގެ އިޤުތިޞާދީ ތަސައްވުރުގެ މުހިންމު ބައެކެވެ.













