ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގި ރޭޕްގެ އަނިޔާވެރި ހާދިސާއާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތާއި ޙައްޤުތަކަށް އުނިކަން އަތުވެދާނެފަދަ ޒާތީ މައުލޫމާތާއި ފޮޓޯތައް ސޯޝަލް މީޑިއާއާއި ނޫސްތަކުގައި އާންމުކޮށް ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ދެކުނުގެ ރަށެއްގައި ހިނގާދިޔަ އެ އަނިޔާވެރި އަމަލާ ގުޅޭގޮތުން މައުލޫމާތު ފެތުރުމުގައި އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ ކަރާމާތް ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، އެ ފަރާތްތައް އިތުރު ނަފްސާނީ ނުވަތަ އިޖުތިމާއީ އަނިޔާއަކަށް ހުށަހެޅިގެންދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ސޯޝަލް މީޑިއާ އާއި ނޫސް މީޑިއާތަކުގައި ދައުރު ނުކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އޭގެއިތުރުން، މި ހާދިސާ އަވަސް މުއްދަތެއްގެ ތެރޭގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް، އެ އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ޝަރީޢަތަށް ހުށަހެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަތަކާއި ފޮޓޯތައް އާންމުވަމުންދާއިރު، ކޮންމެ ހާލަތެއްގައިވެސް އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާއެކު މައްސަލަތައް ބެލުމުގެ މުހިންމުކަން އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.











