ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަކޯސް ރަސްމީކޮށް މިއަދު އިފުތިތާޙުކޮށްފިއެވެ.
މި ޕްރޮގްރާމް އިފުތިތާޙުކުރުމަށްޓަކައި މިއަދު ހެނދުނު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. މި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމާންޑަންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.
މިއަދު ފެށުނު މި ކޯހަކީ ޒުވާނުން ބާރުވެރިކުރުވައި، އެކިދާއިރާތަކުން ޤައުމަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން، ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 84 ދަރިވަރުން މި ފަހަރުގެ ކޯހުގައި ބައިވެރިވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުން ތަމްރީނު ހެދުމަށްޓަކައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ސިނާޢީ ގޮތުން މުހިންމު ގިނަދާއިރާތަކަކުން ހުނަރު އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މެރިން އިންޖިނިއަރިންގ، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ ފަންނީ ތަފާތު
ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޢަމަލީ ގޮތުން މަސައްކަތް ކުރައްވައި، މަތީ ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ އިންސްޓްރަކްޓަރުންނެވެ. މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ.














