ސ. މީދޫގެ މަޝްހޫރު ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީ (41އ) އޭނާގެ ދަނޑުގައި ކާމިޔާބުކަމާއެކު ކޮފީ ގަސް ހައްދައި، ކޮފީ އޮށް (ބީންސް) އަޅުވައިފިއެވެ.
މިއީ ރަމްޒީ ދަނޑުވެރިކަމުގައި ދެކެމުން އައި ހަތަރު ހުވަފެނުގެ ތެރެއިން ހާސިލުވި ތިންވަނަ ކާމިޔާބީއެވެ. މީގެކުރިން އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ޑްރެގަންފްރުޓާއި ކިއުކަމްބާ ހައްދައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މިހާރު ނޫހަށް ރަމްޒީ މައުލޫމާތު ދިން ގޮތުގައި، ރާއްޖޭގައި ކޮފީ ގަހެއް އިންދުމަކީ 2020 ވަނަ އަހަރުން ފެށިގެން އޭނާ ކުރަމުން އައި އުއްމީދެކެވެ. އެގޮތުން ފުރަތަމަ ޕާކިސްތާނުން ގަސް ގެނެސްގެން ކުރި މަސައްކަތް ރާއްޖޭގެ މާހައުލާ ނުގުޅިގެން ނާކާމިޔާބުވި ނަމަވެސް، އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. މިހާރު ކާމިޔާބުވެފައި މިވަނީ 2022 ވަނަ އަހަރު ސްރީ ލަންކާގެ ކޮފީ ދަނޑަކުން ކުދި ގަސްތަކެއް ގެނެސް، ރާއްޖޭގެ މާހައުލަށް ހޭނުވުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ.
އެ ގަސްތައް ބަންދު ތަނެއްގައި ބެހެއްޓުމަށްފަހު ފުރިހަމައަށް އަވަށް ނެރެވުނީ 2024 ގައެވެ. އަދި ވެލީގެ ޕީއެޗް ބެލެންސްކޮށް، މާބުރު މަދުވުމުގެ މައްސަލަ ހައްލުކުރުމަށް ކައިރީގައި މާގަސްތައް އިންދައިގެން ޕޮލިނޭޓްކުރުމަށް ކުރި މަސައްކަތުން، މިހާރު ވަނީ ހަތް ގަހެއްގައި ކޮފީ ބީންސް އަޅާފައެވެ.
ރަމްޒީ މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އެ ބީންސްތައް ރޯސްޓުކޮށް، ރާއްޖޭގައި ހެއްދި ކޮފީގެ ރަހަ އަމިއްލައަށް ތަޖުރިބާކޮށްލުމަށެވެ. އަދި މި ކޮންމެ ގަހަކުން އިތުރު 10 ގަސް އުފައްދައި، މި މަސައްކަތް ވިޔަފާރި އުސޫލުން ފުޅާކުރުމަކީ އޭނާގެ ދެން އޮތް އެންމެ ބޮޑު އަމާޒެވެ.














