އަރުމޭނިއާގެ ވައިގެ ހިދުމަތްދޭ އެއާލައިނެއް ކަމަށްވާ ޝިރަކް އޭވިއާއިން، އެ ގައުމުގެ ވެރިރަށް ޔެރެވަން އާއި ދިވެހިރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ފިނި މޫސުމާ ދިމާކޮށް އެ އެއާލައިނުގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ފަށާ އާ ހިދުމަތެކެވެ. މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައެވެ. މިއީ އަރުމޭނިއާ އާއި ރާއްޖެއާ ދެމެދު ސީދާ ޝެޑިއުލް ދަތުރުތަކެއް ފަށާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔެރެވަންގެ ޒްވަރޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ބޯއިން 737-800 މަރުކާގެ ބޯޓުތަކުގައި ކުރާ މި ދަތުރުތަކުގައި، ތެޔޮ އެޅުމަށްޓަކައި އޮމާންގެ މަސްކަޓުގައި ޓެކްނިކަލް ސްޓޮޕެއް ހަދާނެއެވެ.
ޝެޑިއުލްގައިވާ ގޮތުން، ދަތުރު ނަންބަރު 5ޖީ963 ޔެރެވަން އިން ފުރާނީ އެ ގައުމުގެ ގަޑިން ފަތިހު 3:05 ގައެވެ. އަދި މަސްކަޓުގައި މަޑުކުރުމަށްފަހު ރާއްޖެއަށް އާދެވޭނީ މެންދުރު 12:10 ގައެވެ. ރާއްޖެއިން ފުރާ ފްލައިޓް ނަންބަރު 5ޖީ964 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާނީ މެންދުރުފަހު 1:10 ގައެވެ. މި ބޯޓު ޔެރެވަންއަށް ދާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 8:15 ގައެވެ. މި ދަތުރަށް ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވާނެއެވެ.
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. އަދި މިހާރު ވަނީ ޓިކެޓު ވިއްކަން ފަށާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ހަފުތާއަކު އެއް ފަހަރު ބާއްވާ މި ދަތުރުތައް 2027 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މިއީ 2026/27 ގެ ފިނި މޫސުމަށް އެ އެއާލައިނުގެ ބައިނަލްއަގުވާމީ ވިއުގަ ފުޅާކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މީގެ އިތުރުން 1 ނޮވެމްބަރުން ފެށިގެން އިންޑޮނޭޝިއާގެ ބާލީއަށް، އަދި 5 ނޮވެމްބަރުން ފެށިގެން ތައިލެންޑުގެ ޕުކެޓަށްވެސް ބަންގްލަދޭޝްގެ ޑާކާގައި ޓެކްނިކަލް ސްޓޮޕް ހަދާ ގޮތަށް ހަފުތާއަކު އެއް ދަތުރު ފެށުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.
ޔެރެވަން އާއި މާލެއާ ދެމެދު ފަށާ މި ދަތުރުތަކުގެ ސަބަބުން، އާމީނިއާގެ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ރާއްޖެ އައުމުގެ މަގުފަހިވެ، ފަތުރުވެރިކަމުގެ މާކެޓުތަކާ ރާއްޖެ ގުޅުވާލުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.











