ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމާއެކު ވެވަޑައިގެންނެވި ބައެއް އެއްބަސްވުންތަކުގެ ސަބަބުން އިންޑިއާ ކަންބޮޑުވެދާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި މަހުގެ 20 ވަނަ ދުވަހު ޕާކިސްތާނަށް ފެއްޓެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ދިފާޢީ ގޮތުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ ޚާރިޖީ އަދި ދިފާޢީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ސަރަޙައްދީ ބާރުތަކާއި ވާދަވެރި ޤައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެއިން ވަދެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވަނީ ޕާކިސްތާނާއެކު ރާއްޖެއިން ޤާއިމުކުރި ދިފާޢީ އެއްބަސްވުމަށް އިޝާރާތް ކުރައްވައެވެ.
Raees Dr. Muizzu ge siyaasath thakuge sababun Raajjeyge salaamathaai rakkaatherikan midhanee gellemun. Vaadhaveri Qaum thakuge dhebasvun thakuge thereah Raajje vadhegen nuvaane. Pakistan aai eku military gulhun thah fulhaa kurumakee India ge kanboduvun ithuru vaane kameh. Raajje…
— Mohamed Nasheed (@MohamedNasheed) October 23, 2026
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ޕާކިސްތާނާއެކު ރާއްޖެއިން ދިފާޢީ ގުޅުންތައް ފުޅާކުރުމަކީ އަވަށްޓެރި އިންޑިއާއިން އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ. އަދި އިންޑިއާގެ މިފަދަ ކަންބޮޑުވުންތަކެއް އުފެދުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ޕާކިސްތާނާއެކު ސޮއިކުރެވުނު ދިފާޢީ އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް، ސަރުކާރުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައި، ހުރިހާ ޤައުމަކާއެކުވެސް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު އިސްވެ އުފެއްދެވި އެމްޑީޕީގެ 2 ވެރިކަމުގައިވެސް ގެންގުޅުއްވީ ފާޅުކަން ބޮޑު ”އިންޑިއާ ފަސްޓް“ ނުވަތަ ޕްރޯ-އިންޑިއާ ޚާރިޖީ ސިޔާސަތެކެވެ. އެ ވެރިކަމުގައި އިންޑިއާގެ އަސްކަރީ އެހީތެރިކަން ހޯދުމާއި، އެ ޤައުމުގެ ސިފައިން ރާއްޖޭގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ޚާރިޖީ އަދި ދިފާޢީ ހުރިހާ ކަމެއްގައިވެސް އިންޑިއާގެ މަޞްލަޙަތު އިސްކުރަމުން ދިޔަކަން އާންމުންނާއި ސިޔާސީ ފަރާތްތަކުން އޭރުވެސް ފާހަގަކުރިއެވެ. މި ސަބަބާ ހުރެ، އެމްޑީޕީ ސަރުކާރުގެ އެ ސިޔާސަތުތަކަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާގެ ނުފޫޒު ގަދަކުރުމަށް ހިންގި ކަންކަން ކަމަށް ބުނެ އޭރު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އެމްޑީޕީ ވެރިކަމުގެ ނިމުންވެސް ގުޅިފައިވަނީ ޕްރޯ އިންޑިއާ ސިޔާސަތާއެވެ.











