ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެންހިންދުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކުގައި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ހދ. އަތޮޅެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ 100 އަށްވުރެ ގިނަ ގެއަކަށް ފެންވަދެފައިވާއިރު، ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. ނޮޅިވަރަމުގައި ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައިވާއިރު، އެ ރަށު މަގުތަކުން ފެންހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑައި، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ ވެލިބަސްތާ ޖަހައިދީފައިވާއިރު، ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވުމާ ގުޅިގެން އެ ރަށު ކައުންސިލާ ގުޅިގެން މަގުމަތިން ފެންހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި ނޮޅިވަރަންފަރާއި ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތަކާ ގުޅިގެން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
ޅ. އަތޮޅުގެ ރަށްތައް ކަމަށްވާ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، މިއަދު ހެނދުނު 09:30 އިން ފެށިގެން ފުލުހުން ދަނީ އެ ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ތިން ރަށުގެ ކައުންސިލްތަކާއި ކުންފުނިތަކާ ގުޅިގެން ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެންހިންދުމާއި، ފެންވަންނަމުންދާ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމާއި ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން، ބ. ކުޑަރިކިލަށް ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ، ގޭގެއަށާއި އެކި އިމާރާތްތަކަށް ފެން ވަދެފައިވާތީ، މިއަދު ހެނދުނު 09:30 ހާއިރު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ވަނީ ފެންހިންދުމުގެ މަސައްކަތް ފަށާފައެވެ. އަދި ނ. ލަންދޫއަށް މިއަދު ފަތިހުން ފެށިގެން ވެހުނު ވާރޭގައި އެ ރަށުގެ ބައެއް ގެތަކަށް ފެންވަދެފައިވާތީ، އިތުރަށް ފެންވަނުން ހުއްޓުވުމަށް ގެތަކުގެ ވަށައިގެން ވެލިބަސްތާ ޖެހުމުގައި ލަންދޫ ޕޮލިސް ޕޯސްޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ވިއްސާރައާ ގުޅިގެން ރަށްރަށަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށާއި، އާންމު ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެއެވެ.













