ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާ ދިމާކޮށް ކުރެއްވި ކާމިޔާބު ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.
މި އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމުގެ އަމާޒާއެކު، މި ދަތުރުފުޅުގެ ތެރެއިން ދެ ދައުލަތުގެ ދެމެދުގައި ވަނީ މުހިންމު 20 ފަހުމުނާމާއަކާއި އެއްބަސްވުމެއް ބަދަލުކޮށްފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު އަދި ދިފާޢީ ދާއިރާއިން ގުޅުން ފުޅާކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
އިސްލާމްއާބާދުގައި ބޭއްވި ”މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026“ ގައި ވާހަކަފުޅުދައްކަވަމުން، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، އިމާރާތްކުރުމުގެ ދާއިރާއާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް މުޢިއްޒު ދަޢުވަތު އެރުވިއެވެ. މީގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް ޢަލީ ޒަރްދާރީގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ޢަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރާއި، ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ޞާދިޤު އަދި ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީއާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ ގައުމީ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން 100,000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ. ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގެންނެވި މި ދަތުރުފުޅަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސްދިން ތާރީޚީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.














