ފުވައްމުލައް ސިޓީގެ އާންމު ރައްޔިތުންނަށް ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދެވަނަ މަސްފިހާރަ ފުވައްމުލަކުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ މުޅި ރާއްޖޭގައި އެ ކުންފުނިން ޚިދުމަތް ދޭން ފެށި ހަތްވަނަ މަސްފިހާރައެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުންނަ ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ތަރައްގީކުރި މި އައު ފިހާރަ ހުޅުއްވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް މަސްއޫލުވެރިންގެ އިތުރުން ފުވައްމުލަކުގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.
މިފްކޯއިން ބުނި ގޮތުގައި މި ފިހާރަ މެދުވެރިކޮށް އެ ކުންފުނީގެ ހުރިހާ ބާވަތެއްގެ މަހުގެ އުފެއްދުންތައް ހެޔޮ އަގުގައި ފުވައްމުލަކުގެ ރައްޔިތުންނަށް ލިބެން ހުންނާނެއެވެ. އަދި ހަފުތާގެ ހަތް ދުވަހު، ހުކުރު ދުވަސް ހިމެނޭހެން މެދުނުކެނޑި މި ފިހާރައިން އާންމުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިފްކޯގެ ވިޔަފާރީގެ ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދެ ފިހާރައާއި ހުޅުމާލޭގައި ތިން ފިހާރަ ހިންގަމުން އަންނައިރު، މާލެއިން ބޭރުގައި އެންމެ ފުރަތަމަ ފިހާރައެއް ހުޅުވާފައިވަނީ މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައެވެ. މިފަދަ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމުގެ އިތުރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފަސޭހައިން ފޯރުކޮށްދިނުމެވެ.














