ޤައުމުގެ އިޤްތިސާދީ ޙާލަތަށް ބެލުމެއް ނެތި، ދައުލަތުގެ ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ގޮތަށް ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ނިންމަމުންދާ ނިންމުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައެވެ.
މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ދައުލަތުގެ ދަރަނިން އަރައިގަތުމަށާއި ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނަށް ދޭންޖެހޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމާއި، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ޤައުމުގެ އިޤްތިސާދީ ޙާލަތައް ބެލުމެއް ނެތި، އިތުރު ހޭދަތަކެއް ކުރުމަށް ނިންމާ، ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
އިސްކަން ދޭންވީ ދަރަނިން އަރައިގަތުމަށާއި،…
— Faisal Naseem (@FaisalNasym) October 22, 2026
ޚަރަދު ކުޑަކުރުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްފަހު، ސިޔާސީ އިސްވެރިންނަށް ލިބޭ ފައިސާ ގިނަކޮށް ސިޔާސީ މަޤާމުތައް އިތުރުކުރުމަކީ މިވަގުތު އިސްކަންދޭންޖެހޭ ކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އާދައިގެ ރައްޔިތުންގެ ވަޒީފާތަކަށް އަސަރުކުރާ ގޮތަށް ސިޔާސީ އޮފީސްތަކުގެ ޚަރަދު ބޮޑުކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް އައި ކަމުގައިވީ ނަމަވެސް، އިސްވެ ދެންނެވުނު ޙައްސާސް މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައިނުވާތީ، ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އެ ނިންމުން ފާސްނުކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ޤައުމުގެ އިޤްތިސާދީ ޙާލަތަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޞްލަޙަތު އިސްކުރެއްވުމަށެވެ.












