ވެސްޓް ބޭންކުގެ ތަފާތު ސަރަޙައްދުތަކުގައި ޒައިތޫނި ކެނޑުމުގެ މޫސުން ފެށިގެން އުޅެނިކޮށް، ފޭރިގެންފައިވާ އާބާދު ކޮށްފައިވާ ނިރުބަވެރި ޔަހޫދީ އާންމުން އިޒްރޭލު އަސްކަރިއްޔާގެ ޙިމާޔަތުގައި ފަލަސްޠީނުގެ ދަނޑުވެރިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.
އިޒްރޭލު ސިފައިން ވަނީ ފަލަސްޠީނުގެ ދަނޑުވެރިން އެމީހުންގެ ދަނޑުތަކަށް ވަނުން މަނާކޮށްފައެވެ. އަދި ހަރުކަށި ފިކުރު ޣައިރު ޤާނޫނީ ޔަހޫދީ ވަޒަންވެރީން ދަނީ ދަނޑުވެރިންނަށް އަނިޔާކޮށް، ޒައިތޫނި ގަސްތަކުގައި ހުޅުޖަހަމުންނެވެ. މި ޙަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ޖެނީން، ރާމަﷲ، ނާބުލުސް، ސަލްފީތު، ތުލްކަރަމް އަދި ޤަލްޤީލިޔާ ޕްރޮވިންސްގެ ދަނޑުތަކަށެވެ.
ފަލަސްޠީނުގައި 13 މިލިއަން ޒައިތޫނި ގަސް ހުންނައިރު، އޭގެ ތެރެއިން 10 މިލިއަން ގަހުން މޭވާ ލިބެއެވެ. ފަލަސްޠީނުގެ 100،000 އަށްވުރެ ގިނަ އާއިލާއިން އާމްދަނީ ހޯދުމަށް ޒައިތޫނި ދަނޑުވެރިކަމަށް ބަރޯސާވެއެވެ. އޭގެ ތެރޭގައި ސީދާ މި މަސައްކަތުން ނަފާލިބޭ 30،000 މަސައްކަތްތެރިން ހިމެނެއެވެ. އަހަރަކު 150 މިލިއަން އާއި 180 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އާމްދަނީއެއް މި ސިނާޢަތުން ފަލަސްޠީނުގެ އިޤްތިޞާދަށް ވަދެއެވެ.
ފާއިތުވި 10 އަހަރު ދުވަހު އަހަރަކު އެވްރެޖްކޮށް 22،000 ޓަނުގެ ޒައިތޫނި އުފެއްދި ނަމަވެސް، އިޒްރޭލުގެ ޙަމަލާތަކުގެ ސަބަބުން މިއަހަރު މި ޢަދަދު ވަރަށް ބޮޑަށް ދަށްވާނެއެވެ. ޣައިރު ޤާނޫނީ ހަރުކަށި ފިކުރު ޔަހޫދީ އާބާދީތަކުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ދަނޑުވެރިންނަށް މޫސުން ނުޖެހެނީސް އަވަހަށް ޒައިތޫނި ކަނޑަން ޖެހުމުގެ ސަބަބުން، ޒައިތޫނި ތެޔޮ އުފެއްދޭ މިންވަރު ވަނީ ދެބައިކުޅައެއްބަޔަށް ދަށްވެފައެވެ.














