އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިފިހާރަތައް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދީ ގޮވާލި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހއ. ބާރަށު ކުއްޅަވައްގޭ އަލީ ޖުމާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ބައެއް އިމާރާތްތަކުގައި އަލިފާން ރޯކޮށް، ހަމަނުޖެހުން ހިންގުމުގެ އިތުރުން ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލުމާ ގުޅިގެންނެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޖުމާން މީސްމީޑިއާގެ އެކްސް މަންސައިގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް މުޒާހަރާ ކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން ރެޑްވޭވް ފިހާރަ ލޫޓުވާލުމަށްވެސް އޭނާގެ ޕޯސްޓުގައި ގޮވާލާފައިވެއެވެ.
ހައްޔަރުކުރެވުނު ޖުމާނަކީ އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައިވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން ވަނީ ނިންމާފައެވެ.
ސޯޝަލް މީޑިއާގައި ހަމަނުޖެހުމަށް ހިތްވަރުދިން މައްސަލައެއްގައި ޖުމާން ހައްޔަރުކުރިއިރު، ދައުލަތުގެ ތިން ބާރުގެ އޮފީސްތައް ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.














