ވިލިމާލޭގެ ކޮޓަރިއެއްގެ ތެރޭގައި ހާމައަށް ހުރި މަސްތުވާތަކެއްޗާއެކު ދާދިފަހުން ހައްޔަރުކުރި މަޝްހޫރު 3 ފިލްމީ ތަރިން ހައްޔަރުން ދޫކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުން ކަމަށްވާ ވ. ސިނަމާލެ 4 3-03، އަޙްމަދު ޢަޒްމީލް (44އ) އާއި، ގ. ފްލައިންގޓައިގަރ، އިސްމާޢީލް ޖުމައިޙު (35އ) ގެ އިތުރުން މަތިމަރަދޫ. ކޮންކީލިޔާ / ލ. ގަން، މުޙައްމަދު ވިޝާލް (29އ) އަދި ވ. ސިނަމާލެ 4 3-03، ޝާހިލް މުޙައްމަދު (42އ) އެވެ.
މި މަހުގެ 8 ވަނަ ދުވަހު ފުލުހުން ހިންގި އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި ބާރުގެ ބޭނުންކޮށްގެން ވިލިމާލޭގެ ކޮޓަރިއަކަށް ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި އެއްވެސް ނިވާކަމެއް ނެތި ހާމައަށް މަސްތުވާތަކެތި ހުއްޓެވެ. މި ހަތަރު މީހުންގެ މައްޗަށްވެސް ފުލުހުން ތުހުމަތުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމަށެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ގާނޫނީ ގޮތުން ޓްރެފިކިންގެ މިންގަނޑަށް އަރާވަރަށް ތަކެތި ހުރި ކަމަށް ކޯޓުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައިވާއިރު، އެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހަށެވެ.
ނަމަވެސް، ކޯޓުން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ 3 މީހުން ވަނީ ދޫކޮށްލައިފައެވެ. މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންގެ ތަހުގީގު ފުރިހަމަވެފައިވާތީ ދޫކޮށްލާފައިވާކަމަށާއި، ބަންދުގައި ހުރި އަނެއް މީހާވެސް ދޫކޮށްލުމުގެ މަރުހަލާ ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން، ޝަރީއަތުގެ މަރުހަލާގެ ތެރެއިން ކުރިއަށްދާއިރު އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިނަމަ، އެގޮތަށް އަމަލުކުރާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.














