ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދައުލަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ދަންނަވައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށާއި ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި ދައުލަތުގެ މުއައްސަސާތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެއާއި ދިވެހިން އިސްކުރައްވައިގެން، އަވައްޓެރި ޤައުމުތަކާއި އެހެނިހެން ޤައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަވަމުން ގެންދަވާތީ، މިއީ ރާއްޖެއަށާއި ރައްޔިތުންނަށް ލިބުނު ބޮޑު ޝަރަފަކާއި ފަޚުރެއްކަން ވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ އެކަމަށް ވެސް ޕީއެންސީން ވަނީ މަރުޙަބާ ދަންނަވާފައެވެ.
އިސްލާމީ އުންމަތުގެ މުހިންމު ބާރެއް ކަމަށްވާ ޕާކިސްތާނަށް ރާއްޖޭގެ ވެރިޔަކު ޒިޔާރަތް ނުކުރައްވާތާ 11 އަހަރު ވެފައިވަނިކޮށް ރައީސް ޑރ. މުޢިއްޒު އެ ޤައުމަށް ކުރެއްވި ދަތުރުފުޅަކީ، އިސްލާމީ ޤައުމުތަކާއެކު ގާތް ގުޅުމެއް ދެމެހެއްޓެވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.












