އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އަޕަރ ސައުތު ޕޮލިސް ޑިވިޜަން (ގއ. އަދި ގދ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި އުމުރުން 22 އަހަރުގެ ދިވެހި އަންހެނަކަށް ބަޔަކު ވެގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ 2026 އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރޭގައި، އިތުރު ސީރިއަސް ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް (ނާޖާއިޒު ފައިދާ ނެގުން) ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް މި މައްސަލައިގެ ތެރެއިން ވަނީ ފެންމަތިވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ މިފަދަ އަނިޔާތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ އިދާރާއިން އިންތިހާއަށް ކަންބޮޑުވާ އަދި ހާއްސަ އިސްކަމެއްދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން، މި ހުރިހާ ތުހުމަތުތަކާ ގުޅިގެން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ތަހުގީގު ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ހާދިސާ ހިނގި ރަށާއި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން އަދި ވިދާޅެއް ނުވެއެވެ.














