މާލޭގެ އާސަހަރާއަށް ޖަނާޒާތަކަށް އަންނަ އާންމުންގެ ސައިކަލުތައް ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޤަވާޢިދާޚިލާފަށް ޕާކުކުރުމުގެ ސަބަބުން، ސައިކަލުތައް ނުނެރެވި އަދި އެމްބިއުލަންސްތަކަށްވެސް ވަނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އާސަހަރާ ސަރަޙައްދުގައި ސައިކަލު ޕާކުކުރުމަށް ހަދާފައިވާ ޒޯނަކީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ނުވަދެވޭނެހެން ބޮލާޑު ޖަހައި ވަކިކޮށްފައިވާ ތަނެކެވެ. ނަމަވެސް، އެ ޒޯނުގައި ސައިކަލު ޕާކުކުރުމަށްފަހު އެނބުރި ނެރެން ބަލާއިރު، ޕާކިން ޒޯނުން ބޭރުގައި ސައިކަލުތަކުގެ ފަހަތް ބަންދުވާގޮތަށް ކާރާއި އެހެނިހެން ހަތަރު ފުރޮޅުލީ އުޅަނދުތައް ބަހައްޓާފައި ހުންނަކަން އާންމުން ފާހަގަކުރެއެވެ. މީގެ ސަބަބުން އެ ޒޯނަށް ސައިކަލެއް ވެއްދުމަކީވެސް އަދި ވަދެފައިވާ ސައިކަލެއް ނެރުމަކީވެސް ނުހަނު އުނދަގޫ ކަމަކަށް ވަނީ ވެފައެވެ.
މި ސަރަޙައްދަކީ ކުއްލި ޙާލަތްތަކުގައި އެމްބިއުލަންސް ވަންނަންޖެހޭ މުޙިންމު މަގަކަށްވާއިރު، އުޅަނދުތައް ދުއްވާ ފަރާތްތަކަށް އެކަން އެނގިތިބެމެ މިފަދައިން ބެހެއްޓުމުގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ޚާއްޞަކޮށް ފަތިސް ނަމާދަށްފަހު އޮންނަ ޖަނާޒާތަކަށް އަންނަ މީހުންނަށް މި ޕާކިން ޒޯނުގެ ބޭނުން އެއްގޮތަކަށްވެސް ނުކުރެވޭ މިންވަރަށް މަގު ބަންދުވެފައި އޮންނަކަން ސޯޝަލް މީޑިއާގައި ޢާންމުން ކޮށްފައިވާ ޝަކުވާތަކާއި ހާމަކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.
މާލޭގައި ޕާކުކުރުމުގެ ދަތިކަން ބޮޑުވެފައިވީނަމަވެސް، ޖަނާޒާ ފަދަ ޙުރުމަތްތެރި ކަންކަމަށް އަންނަ މީހުންނަށާއި އިމަރޖެންސީ ޚިދުމަތްތަކަށް ދަތިވާގޮތަށް އުޅަނދުތައް ބެހެއްޓުމަކީ އިޖުތިމާޢީ އަޚްލާޤާ ޚިލާފު ކަމެއްކަން އާންމުން ފާހަގަކުރެއެވެ. އެހެންކަމުން، އަމިއްލަ ފަސޭހައަށް އެކަނި ނުބަލައި، އެހެން މީހުންނަށް އުނދަގޫނުވާނެ ގޮތަށް އުޅަނދުފަހަރު ޕާކުކުރުމަށް އިލްތިމާސްކުރަމުން، މިފަދަ ކަންކަން ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.











އެސަރަހައްދަކީ ޤަވާއިދުން ބެލެހެއްޓޭ ގޭޓެޑް ކޮމިއުނިޓީ އެއްކަހަލަގޮތަކަޢް ބަލަހައްޓާތަނަކަޢް ހެދިދާނެބާ
ހެހެހެހެހެ