ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށުން ހިމެނޭހެން މުހިންމު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ތެރޭގައި ސީދާ ދަތުރުފަތުރުގެ އިތުރުން ސިއްހީ ދާއިރާއާއި، މަތީ ތައުލީމާއި ދިރާސާ، ދިފާއީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ދެ ގައުމުގެ މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމު ފަހުމުނާމާތައްވެސް ވަނީ އެކުލަވާލާފައެވެ.
ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދު ޕާކިސްތާނަށް ވަޑައިގަތުމުން އެ ގައުމުން ވަނީ ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގޭކޮޅުގައި ވަނީ ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ އިތުރުން ރައީސް އާސިފް އަލީ ޒަރުދާރީއާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ، 2015 ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.













