Ads by
ޚަބަރު
އެމްޑީއޭގެ ނިންމުމަކީ ގޯސް ނިންމުމެއްކަން ވަރަށް އަވަހަށް އިނގޭނެ: ރައީސް ޞާލިޙް
ރައީސް ޞާލިހާއި އެމްޑީއޭގެ ރައީސް ސިޔާމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީއޭއިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވަރަށް އަވަހަށް އެޕާޓީއަށް ފެނިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން އެސިޓީގެ ކެމްޕޭން ޓީމުތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީއޭގެ ނިންމެވުމަށް އިހުތިރާމް ކުރައްވާކަން ފާހަގަ ކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީއޭއިން ނިންމެވި ނިންމެވުމާއިމެދު އެބޭފުޅުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަން ދާދި އަވަހަށް އެބޭފުޅުންނަށް އިހުސާސް ކުރެވޭނެ ކަމަށެވެ.

އަދި އެމްޑީއޭއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޮށްދިން ބުރަ މަސައްކަތްތައް ޝުކުރުވެރިވާ ކަމަށާއި ހެޔޮ މުސްތަގުބަލަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުއްމީދުތައް ވަރަށް ފޮންޏޭ. އެ ބޭފުޅުންގެ އެ ނިންމުން އަޅުގަނޑު ހިތުން އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހުން ފެނިގެން ދާތަން ވެސް ލަސްތަކެއް ނުވެ އެބޭފުޅުންނަށް ފެނިގެންދާނެ،” ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިޙް ވަނީ އެކަމާ ކަންބޮޑުނުވެ ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީ އަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

“ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުޔާވަރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެ ކަހަލަ ކަންތައްތައް ވާނެ. ކަންބޮޑު ނުވެ ކުރިއަށް ވަޑައިގަންނަވާ.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން އެމްޑީއޭ އިން މިރޭ ނިންމައިފިއެވެ.
އެމްޑީއޭގެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ރިޔާސީ އިންތިހާބަށް އެ ޕާޓީން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހުއެވެ.

އެ ގޮތަށް ނިންމީ އެމްޑީއޭ އިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގައެވެ. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ތާއީދުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ ބޭފުޅެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *