ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ދައުލަތުގެ ރަސްމީ ދަތުރުފުޅެއްގައި އިސްލާމްއާބާދަށް ވަޑައިގެންފިއެވެ.
އިސްލާމްއާބާދު އިންޓަރނޭޝަނަލް އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސެލިއުޓެއް ވަނީ އަރުވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޕްރައިމް މިނިސްޓަރ ހައުސްގައެވެ.
އޮކްޓޫބަރު 20 އިން 22 އަށް ކުރިއަށްދާ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ އިސްފަންތީގެ ސާފު ބައިލޭޓްރަލް ބައްދަލުވުމެވެ.
މި ދަތުރުފުޅު ކުރިއަށްދަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތާވެސް ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމު ކުރެވުނީ 26 ޖުލައި 1966 ގައެވެ.














