ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫޢުގެ ދަށުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް ކުރިއަށްގެންދަވާ ”ދަ ޕަލްސް“ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެކުރިން ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން، އެތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މުހިންމު އިންވެސްޓްމަންޓްތަކެއް އައިސްފައި ނުވާ ކަމަށެވެ. އަދި ހުޅުމާލެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނަން ފެށީ މީހުން ދިރިއުޅެން ފަށައި، ސިނަމާލެ ބްރިޖުގެ މަޝްރޫޢާއެކުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަވަނީ އެ ތަޖުރިބާގެ އަލީގައި، އެތަނުން ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ފަދަ ޒަމާނީ ތަރައްޤީއާއި ބޮޑެތި އިންވެސްޓްމަންޓްތައް އެންމެ ފުރަތަމަވެސް ޤާއިމުކުރުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި އެ ސިޓީގެ ތަރައްޤީ ހަޤީޤަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހަޤީޤީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ޙަޤީޤަތް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަކޮށް، ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، 99 އަހަރަށް އެ ޕްރޮޕަޓީތައް ދޫކުރި ނަމަވެސް، އެތަންތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް ވިއްކަން ޖެހޭނީ ހަމައެކަނި ދިވެހި ސަރުކާރަށް ކަމަށެވެ. އަދި މި ޕްރޮޕަޓީތަކާ ގުޅިގެން ހިނގާ ކޮންމެ މުޢާމަލާތަކުންވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް އޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ މި މަޝްރޫޢާ ގުޅިގެން ހަގީގީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޤާނޫނީ އިމުގެ ތެރެއިން ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވިގެން ކަމުގެ ފުރިހަމަ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.













