ކަރިކިއުލަމް އެކުލަވައިލުމާ ބެހޭ ހައިބްރިޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ސެޝަނަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ސެޝަންގައި މާލެ، އައްޑޫ އަދި ވާނީ ކެމްޕަހުގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރެއިން އައްޑޫ އަދި ވާނީ ކެމްޕަހުގެ މުވައްޒަފުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އޮންލައިންކޮށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ ކަރިކިއުލަމް އެކުލަވައިލުމާއި، ފާސްކުރުމާ އަދި އެކްރެޑިޓޭޝަންގެ މައިގަނޑު މަރުހަލާތަކުގެ މައްޗަށް ކަމަށެވެ. އަދި މުހިންމު ލިޔެކިޔުންތަކާއި، ކަމާގުޅޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން ޕްރޮގްރާމްގެ މަގުސަދުތަކާއި އެމްއެންކިއުއެފް ލެވެލް ޑިސްކްރިޕްޓަރތަކާ އެއްގޮތްވާ ގޮތުގެ މަތިން އުނގެނުމުގެ ނަތީޖާ ހާސިލުވި މިންވަރު ކަނޑައެޅުމާ ބެހޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ބިނާކުރަނިވި ގުޅުމާއި ކަރިކިއުލަމް މެޕިންގއާ ގުޅޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ ގައުމީ ޔުނިވަރސިޓީގެ ދެ ފެސިލިޓޭޓަރުން ކަމަށްވާ ޑރ. އާމިނަތު ޝިޔާމާއާއި ޑރ. އާސިޔާ އިބްރާހީމް ކަމަށް ފުލުހުން ބުންޏެވެ.














