ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.
މި ބިލު ހުށަހެޅުއްވި ސަބަބުތަކާ ގުޅޭގޮތުން މެންބަރު އިބްރާހީމްދީދީ ވިދާޅުވީ، މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ޚިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުން ކަމަށެވެ. އެފަދައިން ޓެކްސް ނަގަން ފަށާފައިވަނީ 1 އޮކްޓޫބަރު 2026 ގައެވެ. މީގެއިތުރުން، ޓެކްސް އިދާރާ (މީރާ) އަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރުތައް އިތުރަށް ހަރުދަނާކުރުމަކީވެސް މި ބިލުގެ މުހިންމު ބޭނުމެކެވެ.
މި އިޞްލާޙުގެ ދަށުން، އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ހޯދުމަށް ނުވަތަ މުޢާމަލާތެއްގެ އަސްލަށް ބަލާއިރު އެކަން ކޮށްފައިވަނީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހިކުރުމަށް ކަމަށް ބެލެވޭ ޙާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުޢާމަލާތެއް ކަމުގައި ބެލެވޭނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި، އެ މުޢާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންދެއެވެ.
ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ކަންކަންވެސް ތަފްޞީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަކުރުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ފަސްކުރުން ފަދަ ޢަމަލުތައް ހިމެނެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު، މި ޤާނޫނު ތަންފީޒުކުރަން ފެށުމުން، އިންބައުންޑް ޓޫރިޒަމުން ކުރިން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ނުލިބޭނެއެވެ. މީގެ ކުރިން އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީން ދައުލަތަށް 1,608.5 މިލިއަން (1.6 ބިލިއަން) ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އޮތީ ލަފާކޮށްފައެވެ.
މި ބިލުގައިވާ ގޮތުން، މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.














