ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިންޝުއަރެންސް ބޮޑުކުރުމުގެ އިތުރުން، މެންބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ވީއައިޕީ ޚިދުމަތް ލިބޭނެހެން ނިންމާފައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކުން ކަމަށާއި، އެކަންކަން ބާތިލްކުރީ މި ސަރުކާރުގެ މެންބަރުން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސާ ގުޅޭގޮތުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެ އިނާޔަތް ކަނޑާލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމެއް އައިސް، މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި މެޖޯރިޓީ އަދި ކޯލިޝަންތައް ލިބުނުއިރުވެސް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ. އަދި މިހާރުގެ މަޖިލިސް މެންބަރުން މަގާމާ ހަވާލުވިއިރު، އެމްޑީޕީގެ މެޖޯރިޓީން އޮތީ މަޖިލީހުގެ އިންޝުއަރެންސާއި މުސާރަ ބޮޑުކުރުމަށް ނިންމައި ސޮއިކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
”އެބޭފުޅުންނޭ އޮތީ އަޅުގަނޑުމެން މި މަޖިލީހަށް އައިއިރުގަ، މަޖިލީހުގެ އިންޝުއަރެންސްވެސް ބޮޑުކުރަން، މަޖިލީހުގެ މުސާރަވެސް ބޮޑުކުރަން ނިންމާފަ. މަޖިލީހުގެ މެމްބަރުން ފުރަންދާއިރު އެމީހުންގެ އާއިލާއެކު އެއްވެސް ޝަރުތަކާ ނުލައި (ވީއައިޕީ)ސާވިސް ލިބޭނެ ގޮތަށް އެބޭފުޅުންގެ ސުޕަރ މެޖޯރިޓީން އޮތީ ނިންމާފަ ސޮއިކޮށްފަ. އަޅުގަނޑުމެން އައިސްއޭ އެކަންކަން ބާތިލްކުރީ،“ ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި، އާންމު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުންނާއި މެންބަރެއްގެ ގޮތުން ބަލާއިރުވެސް، މެންބަރުންނަށް ލިބެންޖެހޭ އެކަށީގެންވާ ރައްކާތެރިކަމާއި އިނާޔަތްތައް ނުލިބުމަކީ ދެރަކަމެކެވެ. ރައްޔިތުންގެ ހައްގުގައްޔާއި ގައުމުގެ ހައްގުގައި ރަނގަޅު ވާހަކަތަކެއް ދެއްކޭނީވެސް މިފަދަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތަކީ މަޖިލިސް މެންބަރުން ބާރުވެރިކުރުވުން ކަމަށާއި، ވެވުނު މިންވަރަކުން ގާނޫނީ ހިމާޔަތާއި އިނާޔަތްތައް މެންބަރުންނަށް ދޭންޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދު ހުޅުދޫ ދާއިރާގައި ހުންނެވީ އޭނާ ކަމުގައި ވިޔަސް، މާދަމާ އެހެން ބޭފުޅަކުވެސް ހުރެދާނެ ކަމަށާއި، އެހެންކަމުން މިއީ ވަކި މީހަކަށް ބަލައިގެން ދޭންޖެހޭ ހިމާޔަތަކާއި އިނާޔަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.














