ޔަމަނުގެ ދެކުނުގައި އޮންނަ ޝަބްވާ ޕްރޮވިންސްގެ ސަލާމަތީ ބާރުތައް ތަމްރީނުކުރާ މަރުކަޒަކަށް ހޫޘީން ދިން ވަރުގަދަ ބެލިސްޓިކް މިސައިލް ޙަމަލާތަކެއްގައި 53 މީހުން މަރުވެއްޖެއެވެ.
މި ޙަމަލާ ދީފައިވަނީ ޝަބްވާގެ އަލް-ޢަލަމް ސަރަޙައްދުގައި ހުންނަ ޝަހީދު އަޙްމަދު އަލް-ސުލައިމާނީ ޓްރެއިނިންގ ސެންޓަރަށެވެ. ޔަމަނު ސަރުކާރުގެ އަސްކަރީ ތަރުޖަމާނު މަޖީދު އަލް-ނުޒައިލީ ބުނިގޮތުގައި، ހޫޘީން ވަނީ އެ މަރުކަޒަށް 3 ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. މި ޙަމަލާގައި 53 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ހޫޘީން ބުނާގޮތުގައި އެމީހުން ޙަމަލާދިނީ އެ މަރުކަޒުގައި ތިބި ސަޢޫދީ ޢަރަބިއްޔާގެ އޮފިސަރުންނަށެވެ. ނަމަވެސް ޔަމަނުގެ ސަރުކާރުން ވަނީ މިކަން ދޮގުކޮށްފައެވެ. ސަރުކާރުން ބުނީ އެތަނަކީ ހަމައެކަނި ޝަބްވާގެ އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަލަށް ވައްދާ ސިފައިން ތަމްރީނުކުރާ މަރުކަޒެއް ކަމަށެވެ.
މި ނުރައްކާތެރި ޙަމަލާއާ ގުޅިގެން ޝަބްވާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، މިފަދަ ޙަމަލާތަކުން ސަލާމަތްވުމަށް ބޭނުންވާ ވައިގެ ދިފާޢީ ނިޒާމުތައް (އެއަރ ޑިފެންސް ސިސްޓަމް) ވަގުތުން ފޯރުކޮށްދިނުމަށް ޔަމަނުގެ ސަރުކާރަށާއި ސަޢޫދީ ކޯލިޝަނަށް ގޮވާލާފައެވެ.














