ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މާޖިދު އަލް-އަންޞާރީ ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރުގަދަ އިންޒާރެއް ދީފައެވެ.
އޮކްޓޯބަރު މަހު ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ، ގަލްފު ސަރަޙައްދު މިހާރު އޮތީ ވުޖޫދީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީކޮޅާ މިހާރުގެ ޙާލަތު އެއްގޮތް ކޮށްފައި އޭނާ ބުނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި މައްސަލަތަކަށް ޑިޕްލޮމެޓިކް ޙައްލެއް ނުހޯދައިފިނަމަ، އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް މި އުޅެވެނީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި ކަމަށް ވެދާނެ ކަމަށެވެ.
ޑރ. އަންޞާރީގެ ވާހަކަފުޅުގައި، އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާއި، ސަރަޙައްދުގައި ފެތުރެމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތީ ނިޒާމު ފޭލިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އައި ގޮތަށް އިޝާރާތްކޮށް އޭނާ ބުނީ، ކުދި ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެކަން ބޮޑު ގްލޯބަލް ހަނގުރާމައަކަށް ބަދަލުވުމަކީ ތާރީޚު ހެކިދޭ ކަމެއް ކަމަށެވެ.
މިއީ ހަމައެކަނި ގަލްފު ސަރަޙައްދުގެ ނުވަތަ މެދުއިރުމަތީގެ މައްސަލައެއް ނޫންކަން ފާހަގަކޮށް އޭނާ ބުނީ، މިއީ މުޅި ދުނިޔޭގެ އިޤްތިޞާދާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން ގެންގުޅެމުން އައި އުޞޫލުތައް މުގުރިގެން ދަނީ، ނިޒާމުގެ މައްސަލައަކުން ނޫން ކަމަށާއި، ނިޒާމު ހިންގަން ތިބި ލީޑަރުންގެ ފޭލިވުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
މެދުއިރުމަތީގެ މައްސަލަތައް ޙައްލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ޤައުމު ކަމަށްވާ ޤަޠަރުން ބުނެފައިވަނީ، މިހާރު މިއީ އެކުވެރި ޤައުމުތައް އަޑުއަހަން ބޭނުންވާހާ ވާހަކައެއް ދައްކައިގެން ތިބެންވީ ވަގުތު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ހާމަކަން ބޮޑުކަމާއެކު ޙަޤީޤަތާ ކުރިމަތިލައި، ހަނގުރާމަ ހުއްޓުވުމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ޑރ. އަންޞާރީ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.














