ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެންގޮސް، އެ ސިޓީގައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި ބަދަލާއެކު ޚިދުމަތް ފެށުމުގެ ގޮތުން ފުވައްމުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒުވަރު ވިދާޅުވީ، ރައްޔިތުންނަށް ދޭ ޔުޓިލިޓީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމަކީ ފުވައްމުލަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެއިތުރުން، އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ފެންވަރަށް މަތިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށްވެސް މުވައްޒަފުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުން އައި އަސާސީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.
މި ނިންމެވުމާ އެކު ސްޓެލްކޯއިން އަންނަނީ އެކި ރަށްރަށުގެ އޮޕަރޭޝަންތަކާ ވަކިވަކިން ހަވާލުވަމުންނެވެ. އެގޮތުން، ހއ. އަތޮޅުގެ ރަށްތަކާއި ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.














