މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއް ސާބިތުވެ، ޒުވާނަކު ގާތްގަނޑަކަށް 15 އަހަރަށް ޖަލަށް ލުމަށާއި އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ މއ. ޑެނިޔުބް، ހުސައިން ޔާމީން އިބްރާހީމްގެ މައްޗަށެވެ. ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޔާމީން ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެއަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ކޮޓަރި ފާސްކުރިއިރު، އެތަނުގެ އެކި ދިމަދިމާލުގައި ފޮރުވާފައި ހުރި މެފެޑްރޯން ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ވަނީ އަތުލައިގެންފައެވެ.
މީގެ އިތުރުން، އޭނާ ހައްޔަރުކުރި ވަގުތު އަތުގައި އޮތް ވޮލެޓުންނާއި ކޮޓަރީގެ އެކި ތަންތަނުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ފެނިފައިވެއެވެ. އެގޮތުން ވޮލެޓުން 5،105 ރުފިޔާ، ކަބަޑުމަތިން 35،010 ރުފިޔާ އަދި ސެލްފް މަތިން 50،025 ރުފިޔާ ހިމެނޭހެން ޖުމްލަ 90،140 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ނަހަމަ ފައިސާ ކަމަށް ބެލެވޭތީ، އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި އެދުނެވެ.
މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުން އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާއަށް ޔާމީން ވަނީ އިއުތިރާފުވެފައެވެ. އޭނާގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ 14 އަހަރާއި 11 މަހާއި 25 ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
މީގެ އިތުރުން އެއްލައްކަ ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އޭނާގެ ކޮޓަރިން ފެނުނު 90،140 ރުފިޔާ ދައުލަތުގެ މުދަލެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތަށް ނެގުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.














