ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. މި ހަރަކާތްތައް ފުލުހުން ހިންގާފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް، ކާނޭޝަންވިއު، އިބްރާހީމް ކަލީމް (35އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ 18 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިސް ޑިޕާޓްމަންޓާއި، ހަނިމާދޫ ޕޮލިސް އަދި އަޕަރނޯތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެންނެވެ. ފުލުހުން ބުނިގޮތުގައި މިއޮޕަރޭޝަންގައި ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދުން އިބްރާހީމް ކަލީމް ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގުރާމުގެ ތަކެތި އޭނާގެ އަތުން ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ވަނީ ބުނެފަ އެވެ.














