ޔަމަނުގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެ ގައުމުގެ 233،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި، އީރާނާ ގުޅުން އޮންނަ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ސައޫދީ އަރަބިއްޔާ، ބަހްރައިން، ކުވެއިތު، އޮމާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭ މި އިއްތިހާދުން މިކަން ކުށްވެރިކޮށްފައިވަނީ ބަހްރައިންގެ މަނާމާގައި ބޭއްވުނު އެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައެވެ.
ޖީސީސީގެ ގުޅިފައިވާ ދިފާއީ އެއްބަސްވުމަށް އަލިއަޅުވާލައި އެ ބަޔާނުގައި ބުނެފައިވަނީ، މެންބަރު އެއްވެސް ގައުމަކަށް ދެވޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ވެސް ދެވޭ ހަމަލާއެއް ކަމަށެވެ. އަދި އަމިއްލަ ދިފާއުގައި ސައޫދީން އަޅާ ކޮންމެ ފިޔަވަޅަކަށް އެ އިއްތިހާދުން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ކުށްވެރިކުރުން އައިސްފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު ސައޫދީ ވެރިރަށް ރިޔާޟް އަދި އިރުމަތީ ޕްރޮވިންސާ ދިމާލަށް ފޮނުވާލި ދެ ޑްރޯން ވައްޓާލި ކަމަށް ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން ވެސް އޭގެ ކުޑައިރުކޮޅެއް ކުރިން ވެރިރަށް ކައިރިން އެހެން ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް ކޯލިޝަނުން ބުނެއެވެ.
ގަލްފުގެ ވަޒީރުން ވަނީ އާންމުންގެ އެއާޕޯޓްތަކަށާއި މުހިންމު ވަސީލަތްތަކަށް ހޫޘީން ދެމުންދާ ނުރައްކާތެރި ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި އދ. އިން ހޫޘީންނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށާއި، އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް ދުނިޔޭގެ ގައުމުތަކަށް ވަނީ ގޮވާލައްވާފައެވެ. އަދި ހޫޘީން ސައޫދީއަށް ދޭ ހަމަލާތަކާއި ރަތްކަނޑުގެ އުޅަނދުފަހަރަށް ކުރިމަތިކުރާ ނުރައްކާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ވެސް ވަޒީރުން ވަނީ މަރުހަބާ ދަންނަވާފައެވެ.
މީގެ އިތުރުން، ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުން ވެސް ވަނީ އާންމުންގެ ގެދޮރަށާއި ދައުލަތުގެ ތަންތަނަށް، ހާއްސަކޮށް ސަރުކާރު ވަގުތީ ގޮތުން ހިންގަމުންދާ އަދަންގެ ރިޔާސީ ގަނޑުވަރަށް ދޭ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އަދި ސަލާމަތީ މަޖިލީހުގެ ރިޔާސަތަށް ސިޓީ ފޮނުވާފައެވެ.
މި ދަނޑިވަޅުގައި، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ޔޫއޭއީގެ ނައިބު ރައީސް ޝައިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާން ވަނީ ސައޫދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އަލް ސައޫދާ އަބޫދާބީގައި ބައްދަލުކުރައްވާފައެވެ.
ހަނގުރާމައިގެ މައިދާނަށް ބަލާއިރު، ހޫޘީން މެދުތެރޭ މާރިބް ސިޓީއަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި ދެކުނުގެ ތާއިޒްގައި ސަރުކާރު ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާއިރު، ލަހިޖް ޕްރޮވިންސްގައި ހިނގި ހަމަނުޖެހުންތަކުގައި ސަރުކާރަށް ތާއީދުކުރާ 8 ސިފައިން މަރުވެފައިވާ ކަމަށް ކޮމާންޑަރުން ބުނެއެވެ. މީގެ އިތުރުން ތާއިޒްގެ ދެކުނުން ހޫޘީންގެ 12 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް ސަރުކާރު ފައުޖުތަކުން ދައުވާކުރެއެވެ. މި ހަމަނުޖެހުންތައް އިތުރުވެފައި މިވަނީ 2014 ގައި ވެރިރަށް ސަންއާ ހިފި ހޫޘީންގެ އަތްދަށުން ބިންތައް އަނބުރާ ހޯދުމަށް ސަރުކާރު ސިފައިން ފަށާފައިވާ ވަރުގަދަ އޮޕަރޭޝަނާ ގުޅިގެންނެވެ.
އދ. ގެ ހިޖުރަކުރުމާ ބެހޭ އިދާރާ (އައިއޯއެމް) އިން ހާމަކުރާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން 233،000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހި ގެދޮރު ދޫކޮށް ގޮސްފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 121،000 މީހުން ތިބީ ތަކެތި ސަޕްލައިކުރާ މަގުތައް ބަންދުވެފައިވާ ތާއިޒް ޕްރޮވިންސްގައެވެ.
ހޫޘީ ބާރުތަކުން ތާއިޒްގެ ހުޅަނގު ދޮރޯށި ބަންދުކޮށްފައި ވުމުގެ ސަބަބުން ކައްކާ ގޭހާއި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކާބޯތަކެތީގެ އަގު ފަސް ގުނައަށް އުފުލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ދީފައިވާ ގޮތުގައި ތާއިޒްގެ 12 ހޮސްޕިޓަލެއްގައި ތެޔޮ ހުރީ އެންމެ ހަތަރު ދުވަހަށް ވާވަރަށެވެ. އަދި އޮޕަރޭޝަނަށް ބޭނުންވާ ސާމާނާއި، އޮކްސިޖަން އަދި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، އެ ސިޓީގައި މިހާރު ދަނީ ކޮލެރާ ބަލިމަޑުކަން ވެސް ފެތުރެމުންނެވެ.














