ރަސްމާލެ މަޝްރޫޢު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް ޢިލްމުވެރީންގެ ގުޅުމުން ނެރުނު ތަޙުޤީޤީ ދިރާސާއެއްގައި ބުނެފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުން ޝާއިޢުކުރި ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތެއް ކަމަށް އެ ހަރަކާތުގައި ހިމެނޭ ދީނީ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.
އެ ބޭފުޅުން މަޢުލޫމާތު ދެއްވާ ގޮތުގައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އެ ގުޅުމުން ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ. އަދި މަސައްކަތް ނުނިމެނީސް އެ ދިރާސާގެ ނަމުގައި ސައްޙަ ނޫން މަޢުލޫމާތު ފެތުރުން އެ ބޭފުޅުން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކާ ގުޅުންހުރި މީޑިއާތަކުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ދޮގު މަޢުލޫމާތު ފެތުރުން އިތުރުވެފައިވާކަން ފާހަގަކުރެވޭ އިރު، ސަރުކާރުން ބުނެފައިވަނީ ރަސްމާލެ މަޝްރޫޢުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ.
މީގެއިތުރުން އެ މަޝްރޫޢުގެ ދަށުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުހިންގާނެ ކަމަށާއި، ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެ ގޮތް ހެދުމުގެ އިތުރުން އިސްރާއީލްގެ މީހުންނަށް އެއްވެސް ޕްރޮޕަޓީއެއް ނުވިއްކޭނެކަން ކަށަވަރު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.










