ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ސަމޭދާން، ނަބީހު ޢަބްދުއްރަޝީދު (23އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ހިނގާ މަހުގެ 16 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ މާފުށީގައި ގަވާއިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ނަބީހު ހައްޔަރުކުރުމަށްފަހު، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން، ހައްޔަރުކުރި ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 8 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ














