ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކޮށް، އަންނަ އަހަރުގެ ނިޔަލަށް އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ޕަބްލިކް ފޯރަމްތަކުގެ ތެރެއިން މިރޭ ކުރިއަށްދިޔަ 10 ވަނަ ”އަހާ“ ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ގިނަ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތަކެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ނިމިފައިވާ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އިޢުލާނު ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ވަގުތުވެސް 119 ރަށެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދެން ބާކީ ހުރި މަދު ސެންޓަރުތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ ހުރިހާ ތަނެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް މިއަންނަ އަހަރުގެ ފަހުކޮޅުގައި ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިޔުން،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އެ ސެންޓަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެތަންތަން ރަނގަޅު ފެންވަރެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް، ދައުރުވާ ބަޖެޓެއްގެ ތެރެއިން މަރާމާތު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތައް ރޭވިފައިވަނީ އަވަސްއަވަހަށް ތަންތަން ބަދަލުކުރަން ނުޖެހޭނެ ފަދަ ދުރުރާސްތާ ހަރުދަނާ ޕްލޭނަކާ އެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ކުޅިވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ރަށްރަށުގެ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެއެވެ.













