ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ދެއްވި ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ރަސްމީ ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅު ކުރިއަށްދާނީ މި ހިނގާ މަހުގެ 20 އިން 22 ގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ދިވެހި ސަރުކާރުގެ ކެބިނެޓް ވަޒީރުންނާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީގެ އިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ އިސް ވެރިންނާ ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން، ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތަކަށްފަހު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު މި ކުރައްވަނީ 26 ޖުލައި 1966 ގައި ޤާއިމުކުރެވުނު ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތުގެ ދަށުން، އަވައްޓެރި އަދި އެކުވެރި ޤައުމުތަކާ އެކު އޮންނަ ގުޅުން ވަރުގަދަކޮށް، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފުރުޞަތުތައް ފަހިކުރުމަށް ސަރުކާރުން އަންނަނީ ޚާރިޖީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.














