ހުޅުމާލޭގައި މީހުން ދިރިއުޅޭ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމާލައިފި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ފެށި މި މަސައްކަތުގެ ތެރެއިން، 220 އެޕާޓްމަންޓެއްގެ ޖުމްލަ 273 ކުޑަދޮރުގައި މިހާރު ވަނީ ރެއިލިން ހަރުކޮށްފައެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތީ ކަންކަން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިތޯ ބަލައި، ރެއިލިން ހަރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ހުޅުވާލީ ވޭތުވެދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ސެޕްޓެންބަރު 30 ގެ ނިޔަލަށް ހުޅުވާލި މި ފުރުސަތުގައި އެހީތެރިކަން ހޯދުމަށް 1,011 އެޕާޓްމަންޓަކުން ވަނީ އެދިފައެވެ.
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާތަނަށް މަސައްކަތް ނުނިމި ހުރި އެޕާޓްމަންޓްތަކުގައި ވެސް ރެއިލިން ހަރުކުރުމުގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރިއަށެވެ.
ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހު ފެށި މި މަސައްކަތުގެ އިތުރުންވެސް، ހުޅުމާލޭގައި އެ ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ އެކި އިމާރާތްތަކާއި އާންމު ސަރަޙައްދުތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.














