ސަޢޫދީ ޢަރަބިއްޔާގެ ދެކުނުން ޔަމަނާ ގުޅޭ ބޯޑަރު ސަރަޙައްދު ކަމަށްވާ ނަޖްރާނަށް، ސައުދީ ނޭޝަނަލް ގާޑުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި ދެ އޮފިސަރުން މަރުވެއްޖެއެވެ.
ސަޢޫދީ ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ހާމަކުރި ގޮތުގައި، ވެއްޓިފައިވަނީ ޖާސޫސްކުރުމަށް ބޭނުންކުރާ އޭއެޗް-6އައި މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ ސަޢޫދީ ނޭޝަނަލް ގާޑުގެ އުޅަނދެއްކަމަށާއި، މި ޙާދިސާގައި 2 އޮފިސަރުން މަރުވެފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ސަޢޫދީއިން ބުނާގޮތުގައި މިއީ ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވެއްޓުނު ވެއްޓުމެކެވެ. ނަމަވެސް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ، ނަޖްރާން ބޯޑަރު ކައިރިން ސަޢޫދީގެ ’އަޕާޗޭ‘ މަރުކާގެ ހެލިކޮޕްޓަރެއް އެމީހުން ވައްޓާލާފައިވާކަމަށް ބުނެފައެވެ. ސައުދީ ކޯލިޝަނުން ވަނީ ހޫޘީންގެ މި ވާހަކަތައް ދޮގުކޮށްފައެވެ.
މި ޙާދިސާ ހިނގާފައިމިވަނީ، ހޫޘީން ސަޢޫދީގެ ތެޔޮ ކާރުޚާނާތަކަށާއި އެއަރޕޯޓަށް ޙަމަލާދީ، އޭގެ ރައްދުގައި ސަޢޫދީއިން ޔަމަނަށް ބޮމުގެ ޙަމަލާތައް ދެމުންދާ ވަރަށް ނުރައްކާތެރި ދަނޑިވަޅެއްގައެވެ.














