ސަރުކާރުގެ ވުޒާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލު ރައްޔިތުންނާ ހިއްސާކޮށް، ވަޒީރުންނާ ސީދާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ”އަހާ“ ފޯރަމް ސިލްސިލާގެ 10 ވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމްގެ މަގުސަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްސީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހަމަޖެހިފައިވަނީ:
• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
• މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު
• މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެއެވެ. މީގެއިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ. މިއީ ދެ ގަޑިއިރަށް ކުރިއަށްދާ ފޯރަމެކެވެ.













