ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ހއ. ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި ބާރަށު ދާއިރާގެ މަޖްލިސް މެންބަރު އިބްރާހިމް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ދެއްވި ވަޢުދާ އެއްގޮތަށް ބާރަށު ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ރަސްމީކޮށް ފެށިފައިވާ ކަމަށެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއެކު މި ސްޓޭޝަންގެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ޝުޖާއު ދެއްވިއެވެ.
ރައީސް ޑރ @MMuizzu ގެ ވަޢުދުފުޅުގެ ތެރޭ ހިމެނޭ ހއ.ބާރަށު ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތް މިއަދުވެނީ ފެށިފަ.މާތްاللهގެ ތަނަވަސް ރަހުމަތާއެކު މިސްޓޭޝަންގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްގޮސް ފެށޭ 2027 ވަނަ އަހަރު އިމާރާތުން ރައްޔިތުންނަށް ޚިދުމަތް ދެވެން… pic.twitter.com/TrS6qRi341
— Ibrahim Shujau (@IbrahimShujaau) October 17, 2026
މީގެއިތުރުން، ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގޮސް، ފެށޭ 2027 ވަނަ އަހަރުގެ ތެރޭގައި މި އައު އިމާރާތުން ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދޭން ފެށޭނެ ކަމަށްވެސް މެންބަރު ޝުޖާއު ފާހަގަކުރެއްވިއެވެ.
ޤައުމު އިޤްތިޞާދީ ގޮތުން ހަމަމަގަށް އަޅުވައި، ދަރަނިން ސަލާމަތް ކުރައްވަމުން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދަވައިދެއްވުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މެންބަރު ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ބާރަށުގައި ޤާއިމުކުރެވޭ މި ޕޮލިސް ސްޓޭޝަނަކީ އެ ރަށާއި އެ ސަރަޙައްދުގެ އަމަންއަމާންކަން ބެލެހެއްޓުމަށާއި، ކުށް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.














