އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގްވާލިއޯރުގައި ހުންނަ ފައްޅިއެއްގެ ކައިރީގައި ތިބި ބަޔެއްގެ ތެރެއަށް ކޮންޓްރޯލުން ނެއްޓުނު ޓްރަކެއް ވަދެ، 13 މީހުން މަރުވެ ގާތްގަނޑަކަށް 40 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ (18 އޮކްޓޫބަރު) ފަތިހު ގާތްގަނޑަކަށް 1:30 ހާއިރު، ގްވާލިއޯރުގެ ޝީތަލަމާތާ މަންދިރް މަގުގައެވެ.
ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގެ ފުލުހުންގެ އޮފިޝަލަކު މީޑިއާތަކަށް ދެއްވި މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ހަނޑޫ ބަރުކޮށްގެން ދިޔަ ޓްރަކްގެ ކޮންޓްރޯލް ގެއްލި، ފައްޅި ކައިރީގައި މަޑުކޮށްގެން ތިބި މީހުންގެ ގައިމައްޗަށް އެރުމަށްފަހު، ފައްޅީގެ ފާރުގައި ޖެހި ވެއްޓިގެންނެވެ. އެވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ކޮޅަށް އަދި އިށީނދެގެން ތިއްބެވެ.
ގްވާލިއޯރުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އެސްޕީ) ދަރަމްވީރު ޔާދަވް ވިދާޅުވީ، ހަނޑޫ ބަރުކޮށްފައިވާ ބާރު ސްޕީޑުގައި ދުއްވި ޓްރަކް ކޮންޓްރޯލުން ނެއްޓިގެން މަގުމަތީގައި ތިބި މީހުންގެ ގައިގައި ޖެހި ޝީތަލަމާތާ މަންދިރް ކައިރިން 13 މީހަކު ވަގުތުން މަރުވެފައިވާ ކަމަށެވެ.
މީގެއިތުރުން، އޭނާ ވިދާޅުވީ މި ހާދިސާގައި ގާތްގަނޑަކަށް 40 މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރެއް ނުވަތަ ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި ޒަޚަމްވި މީހުންނަށް މިހާރު ދަނީ ކައިރީގައިވާ ހޮސްޕިޓަލްތަކުގައި އަވަސް ފަރުވާ ދެމުންނެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.














