ހުޅުމާލޭގައި އެފްޑީސީން އިމާރާތްކޮށްފައިވާ އަމާން އުދަރެސްގެ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިފަހުން އެއްގޮތަކަށްވެސް ކުލި ނުދައްކާ ދެ ޔުނިޓެއް ހުސްކުރަން އެންގުމާއެކު، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ އެހެން ފަރާތްތަކުން ގަވާއިދުން ފައިސާ ދެއްކުމުގެ މަސައްކަތް ފަށައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ހުސްކުރަން އެންގި ދެ ފްލެޓަކީ ތަނުގައި ދިރިއުޅެން ފެށީއްސުރެ މިއަދާ ހަމައަށްވެސް އެއްވެސް ވަރަކަށް ކުލި ދައްކާފައިނުވާ ދެ ތަން ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ދެ ފްލެޓުގެ ވެރިފަރާތަށް އެކި ފަހަރު މަތިން ފުރުސަތު ދިނުމަށްފަހު، އެންމެ ފަހުން އެއްބަސްވުން ބާތިލުކޮށް 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އަންގައި ޕޯޓަލް އެކްސެސްވެސް ވަނީ ކަނޑާލާފައެވެ.
މި ފިޔަވަޅާއެކު، ކުލި ނުދައްކައިގެން މީގެ ކުރިން ނޯޓިސް ފޮނުވާފައިވާ ގިނަ ބަޔަކު މިހާރު އަންނަނީ ކުލި ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް އެ ކުންފުންޏަށް ގުޅައި މަޝްވަރާ ކުރަމުންނެވެ. އެފްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ނޯޓިސް ދެވިފައިވާ ގިނަ ފަރާތްތަކަކީ އެކެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކައި އޮތް ފަރާތްތަކެވެ.
ނުދައްކާ ހުރި ކުލީގެ އަދަދު ބޮޑުވުމުގެ ސަބަބުން އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން އަންނަނީ ހަމަޖައްސައިދެމުންނެވެ.
އެފްޑީސީގެ 4,000 ފްލެޓު ލިބުނު ބައެއް މީހުން ގަވާއިދުން ކުލި ނުދައްކައި ތިބެނީ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާ މީހުންނާމެދު ފިޔަވަޅު ނާޅާތީ ކަމަށް ބުނި ނަމަވެސް، އެފްޑީސީއާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ގަވާއިދުން ކުލި ނުދައްކާނަމަ އެ ފްލެޓްތައް އަތުލުމުގެ ފުރިހަމަ ގާނޫނީ ބާރު އެ ކުންފުންޏަށް ލިބިގެންވެއެވެ.













ފުލެޓް ހޯދަނީ ކޮންގޮތަކަޢްތޯ