އިންޑިއާގެ ހުޅަނގު ބެންގާލްގެ ވެރިރަށް ކޮލްކަތާގައި ފާހަގަކުރަމުންދިޔަ ދުރްގާ ޕޫޖާ ފެސްޓިވަލްގެ ތެރެއިން، މަޝްހޫރު ޕެންޑަލް (ފެސްޓިވަލް ފޭލިގެ) އެއްގައި މީހުން ފިތިބާރުވެ ފައިދަށުވެ ހިނގި ނުރައްކާތެރި ހާދިސާއެއްގައި 18 މީހުން މަރުވެ، މަދުވެގެން 25 މީހުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 7:00 އާއި 8:00 އާ ދެމެދު، ކޮލްކަތާގެ މަޝްހޫރު ”ޗޯރްބަގާން ޕޫޖާ ޕެންޑަލް“ ގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ވަގުތު ބޯކޮށް ވާރޭ ވެހެން ފެށުމުން މީހުން އެތެރެއަށް ވަންނަން އަވަސްވެގަތުމާއި، ލައުޑްސްޕީކަރުން ދިން އިއުލާނަކާ ގުޅިގެން އުފެދުނު ހަލަބޮލިކަމެއްގެ ސަބަބުންނެވެ. އެ އިއުލާނުގައި ބުނެފައިވަނީ މީހުން ކޮންޓްރޯލް ނުވެއްޖެނަމަ ޕެންޑަލް ވެއްޓިދާނެ ކަމަށެވެ. މިއާއެކު މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، އެއްފަހަރާ ބޭރަށް ނިކުންނަން އުޅުމުގެ ތެރޭގައި އެކަކު އަނެކަކު ފައިދަށުވީއެވެ.
18 dead in Kolkata pandal stampede where rain and rumour led to perfect storm
Read: https://t.co/MN8ZLyE0pO pic.twitter.com/mZpcfnBlmF
— The Indian Express (@IndianExpress) October 17, 2026
އެ ސަރަހައްދަކީ އެއްފަހަރާ ތިނެއް ނުވަތަ ހަތަރު މީހުންނަށް ކިރިޔާ ހިނގޭ ވަރުގެ ހަނި ގޯޅިތަކެއް ހިމެނޭ ސަރަހައްދެކެވެ. މީގެއިތުރުން ބޮޑު އެއްވުން ކޮންޓްރޯލް ކުރުމަށް ތިބީ ތަޖުރިބާއެއް ނެތް މަދު ޒުވާނުންކޮޅެއް ކަމަށާއި، ކުއްލި ހާލަތަކަށް އެމްބިއުލާންސެއް ވެސް ތައްޔާރުކޮށްފައި ނެތް ކަމަށް އެ ސަރަހައްދުގެ އާންމުން ވަނީ ބުނެފައެވެ.
ހާދިސާގައި އަނިޔާވި މީހުންނާއި މަރުވި މީހުން ވަގުތުން ވަނީ ކައިރީގައި ހުރި ކަލްކަތާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 26 އަހަރުގެ ނަރުހެއް ކަމަށްވާ ސްރީޕަރްނާ ޕޮއްދާރާއި، 42 އަހަރުގެ ކަލްޕަނާ ޔާދަވް ހިމެނެއެވެ. ޝިކާރައަކަށް ވި މީހުންގެ އާއިލާތަކުން ދަނީ އިންތިޒާމުތައް ދޯހަޅިވުމުން އިންތިޒާމުކުރި ފަރާތްތަކަށާއި ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދަމުންނެވެ.
ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށްފަހު، ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ވިދާޅުވީ އިވެންޓް އިންތިޒާމުކުރި ފަރާތްތަކާއި، ސަލާމަތީ ކަންކަމަށް ނެގި ޕްރައިވެޓް ގާޑުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ މި ހާދިސާއާ ގުޅިގެން ޕްރޮގްރާމްތައް ކެންސަލް ކުރައްވައި، އަނިޔާވި މީހުންނަށް ޒިޔާރަތް ކުރައްވަން ނިންމަވާފައެވެ.
މި ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޕެނަލެއް އެކުލަވާލާފައިވާއިރު، ފޮރެންސިކް އަދި އަލިފާން ނިއްވާ ފަރާތްތަކުން ސީސީޓީވީ ފުޓޭޖް ބޭނުންކޮށްގެން ހަގީގަތް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2 ލައްކަ ރުޕީސް އަދި ޒަޚަމްވި މީހުންނަށް 50،000 ރުޕީސްގެ އެހީއެއް ދިނުމަށް ބޮޑުވަޒީރު ވަނީ ނިންމަވާފައެވެ. ކުރީގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރެއްވި އިރު، އިދިކޮޅު ޕާޓީން ވަނީ ފުލުހުންނާއި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށް ބުނެ ފާޑުކިޔުން އަމާޒުކޮށްފައެވެ.










