މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 178،197 (އެއްލައްކަ ހަތްދިހަ އަށްހާސް އެއްސަތޭކަ ނުވަދިހަ ހަތެއް) ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލުން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެތެރެކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ އާންމު ދިރިއުޅުމަށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން ކްލިއާ ކޮށްފައިވަނީ ކުކުޅު ބިހާއި ފިޔާއެވެ.
ސެޕްޓެމްބަރު މަހު އެތެރެކުރި ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކުގެ ތެރޭގައި:
77،595 ކޭސް ބިސް
41،122 ބަސްތާ ފިޔާ
39،582 ކޭސް ކަރާ
23،610 ބަސްތާ އަލުވި
17،102 ކޭސް ޓޮމާޓޯ ހިމެނެއެވެ.
އެ ކުންފުނީގެ ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ މަހު މާލޭ ޕޯޓަށް މުދާ ހިފައިގެން 40 ބޯޓެއް ވަނީ ކައިރިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ 14 އުޅަނދަކާއި، އާންމު މުދާ ހިފައިގެން އައި 26 އުޅަނދެކެވެ. މީގެއިތުރުން ކޮންޓެއިނަރު އުފުލާ 3 ބޯޓަކާއި އާންމު މުދާ އުފުލާ 6 ބޯޓެއް ވަނީ މުދާ ބޭލުމަށްފަހު ފުރާފައެވެ. އަދި މި އުޅަނދުފަހަރުން ގެނައި ކޮންސައިންމަންޓްތަކުގެ ތެރެއިން ކޮންޓެއިނަރު ބޯޓުތަކުން 5،673 އަދި ޖެނެރަލް ކާގޯ ބޯޓުތަކުން 1،667 ކޮންސައިންމަންޓް ވަނީ ކްލިއާ ކޮށްދީފައެވެ.
ކޮންޓެއިނަރު ހެންޑްލިންގއަށް ބަލާއިރު، މިދިޔަ މަހު 7،139 އަންލޯޑެޑް ޓީއީޔޫ އަދި 7،386 ލޯޑެޑް ޓީއީޔޫ ހިމެނޭހެން ޖުމްލަ 14،525 ތްރޫޕުޓް ޓީއީޔޫ ވަނީ ހިންގާފައެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވަމުން އަންނައިރު، ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މާލޭ ޕޯޓްގެ ހިދުމަތްތައް ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ސަރުކާރުން މިހާރު އަންނަނީ ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ގެ ނިޔަލަށް ތިލަފުށީ ބަނދަރު ނިންމައި، ރަސްމީކޮށް ހިދުމަތް ފެށުމަށެވެ. އެ މަޝްރޫއު ނިމުމުން އެމްޕީއެލްގެ މުދާ ކްލިއާކުރުމުގެ ހުރިހާ އޮޕަރޭޝަންތަކެއް މިހާރަށްވުރެ އެތައް ގުނައެއް އަވަސްވެ، ހަރުދަނާ ވެގެންދާނެ ކަމަށް ބެލެވެއެވެ.














