2029 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިސްލާމީ ދާއިރާ މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ތާރީޚީ މުހިންމު ތަޞައްވުރެއް އެކަށައަޅައިފިއެވެ.
މި ސްޓްރެޓީޖިކް އަމާޒުގެ ދަށުން، ޒަކާތުގެ ފަންޑުތަކާއި ވަޤުފް އިންވެސްޓްމަންޓްތައް މެދުވެރިކޮށް އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ދިވެހި ރުފިޔާގެ އާމްދަނީއެއް ހޯދުމަށް ވަނީ ކަނޑައަޅާފައެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، އިސްލާމިކް މިނިސްޓްރީގެ އިދާރީ ހިންގުމަށާއި އިސްލާމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ މާލީ ފުދުންތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރުމެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ޒަކާތުގެ ފައިސާ ޚަރަދުކުރުމުގައި ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެންދާނެއެވެ. އަދި ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ މާލީ މަންފާތައް ހޭދަކުރެވޭނީ ސީދާ އެ މަޝްރޫޢުތައް ޚާއްޞަކުރެވިފައިވާ މަތިވެރި ދީނީ އަދި އިޖުތިމާޢީ މަޤްޞަދުތަކަށެވެ. މީގެއިތުރުން، މާތްﷲގެ ވާގިފުޅާއެކު 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ 8 މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމައި، މިނިސްޓްރީގެ މާލީ ބިންގާ އިތުރަށް ހަރުދަނާކުރުމަށް ވަނީ ރޭވިފައެވެ.
މި އިންޤިލާބީ ފިޔަވަޅުގެ ސަބަބުން، ރާއްޖޭގައި ދީނީ ކަންކަން ފުޅާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މުއައްސަސާީ ޤާބިލުކަން ދިގު މުއްދަތަކަށް އިތުރުވެގެންދާނެއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާވުމުގެ އިތުރުން، އިސްލާމީ ތަޢުލީމު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. އަދި އިމާމުންނާއި ދީނީ ޢިލްމުވެރިން ބާރުވެރިކުރުވައި، ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ފުރުޞަތުތައް އިތުރުކުރުމަށާއި، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތަކަށް ދާއިމީ މާލީ އެހީތެރިކަން ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ އިސްލާމީ ދާއިރާގެ މާލީ މިނިވަންކަމާއި، ވަޤުފް ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި އެޅޭ ތާރީޚީ ބޮޑު ފިޔަވަޅެކެވެ. ހަމައެއާއެކު، މިއީ އަންނާން އޮތް ޖީލުތަކަށްޓަކައި އިސްލާމީ މަތިވެރި ޚިދުމަތުގައި ބިނާކުރެވޭ އަގުހުރި، ދާއިމީ ބޮޑު ތަރިކައެއް ކަމުގައި މިނިސްޓްރީން ދެކެއެވެ.














