އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރަމުންދާ އައު އިމާރާތުގެ 77 އިންސައްތަ މަސައްކަތް ފުރިހަމަކޮށް، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމުގެ އަމާޒުގައި ބާރު ދުވެއްޔެއްގައި މަސައްކަތް ކުރިއަށްދާކަމަށް އެ މަޝްރޫޢު ހިންގާ އާރްސީސީން ހާމަކޮށްފިއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބުނި ގޮތުގައި އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ތެރެއިން ކޮންކްރީޓް ކުރުމާއި، ރޭނުމާއި، ސިމެންތި ޖެހުމުގެ އިތުރުން ވޯޓަރޕްރޫފިން، ކުލަލުން އަދި ދަގަނޑުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ދަނީ ހިނގަމުންނެވެ. މީގެއިތުރުން އިމާރާތުގެ މެކޭނިކަލް، އިލެކްޓްރިކަލް، ޕްލަމްބިން (އެމްއީޕީ) އަދި އޭސީ ސިސްޓަމްތައް ގާއިމުކުރުމުގެ މުހިންމު މަސައްކަތްތައް ވެސް ބާރަށް ކުރިއަށްދެއެވެ.
ކުރިއަށް އޮތް ތަނުގައި އެންމެ އަވަހަށް ފެށުމަށް ތާވަލުކޮށްފައިވަނީ މުށިޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމުގެ އިތުރުން ސޯލާ ޕެނަލްތައް ގާއިމުކުރުމުގެ މަސައްކަތެވެ. އަދި އިމާރާތުގެ ބޭރު ފާރުތަކުގައި ކްލެޑިން ރޭނުމާއި، އަލިފާން ނިއްވާ ނިޒާމާއި ލިފްޓު ހަރުކުރުމުގެ ތައްޔާރީ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.
ޖުމްލަ 8 ފަންގިފިލާއަށް ބިނާކުރާ މި އިމާރާތަކީ ޒަމާނީ ކްލާސްރޫމްތަކާއި ފަންނީ ވަސީލަތްތައް ހިމެނޭހެން ތަނަވަސް ޖާގައަކާއެކު ތަރައްގީކުރާ ތަނެކެވެ. މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކުރުމަށް އަމާޒުހިފާފައިވާއިރު، 2027 ވަނަ އަހަރު މި އިމާރާތުގައި ކިޔަވައިދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 152.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްސީސީއާ މި މަޝްރޫޢު ހަވާލުކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 12 ގައެވެ. އަދި އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު 17 ގައެވެ. އަރަބިއްޔާ ސްކޫލް ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތަޢުލީމު ފޯރުކޮށްދޭ ޒަމާނީ މަރުކަޒަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.











