މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އާމްދަނީ ލިބޭ 14 ބިމެއް ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް، ވަގުތީ އަމުރެއް ހޯދުމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށް ދިއުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޒް ވަނީ ސަރުކާރުގެ މި އަމަލަކީ ތަރައްގީގެ ނަމުގައި ހިންގާ ސްކޭމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ގަސްތުގައި ފުނޑުފުނޑުކޮށްލުމަށް ކުރާ ކަމެއް ކަމަށާއި، ގާނޫނު ހަނދާންކޮށްދިނުމަށްޓަކައި ކޯޓަށް ސިޓީ ކައުންސިލުން ވަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ފުރުޝާން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުޅުމާލެއިން 94.5 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައިވާއިރު، މާލެއިން ބިމެއް ބޭނުންވުމުން ހިލޭ ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މާލޭގެ ބިމެއް ދައުލަތަށް ނަގާނަމަ މާލޭގެ ރައްޔިތުންނަށް އޭގެ އެކަށީގެންވާ ބަދަލު ދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ނެރުނު އިއުލާނުގައި އާންމު ޝަކުވާއަށް ހުޅުވާލާފައިވީ ނަމަވެސް، ކައުންސިލްގެ އެއްވެސް ބަހެއް ހޯދާފައިނުވާ ކަމަށާއި ޚިޔާލު ހުށަހެޅުމަށް ދޭންޖެހޭ 14 ދުވަހުގެ މުއްދަތުވެސް ކައުންސިލަށް ދީފައިނުވާކަމަށް ފުރުޝާން ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދައުލަތަށް ނަގަން ނިންމި ބިންތަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށްވާތީ، މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާއި ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގެންދިއުމަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ގާލިބެވެ. ސަރުކާރުން ކައުންސިލްގެ ބެލުމުގެ ދަށުން ނެގުމަށް އިއުލާނުކުރި 14 ބިމުގެ ތެރޭގައި ސަލްޓަން ޕާކާއި، ގައުމީ ދާރުލްއާސާރާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ އިތުރުން ކާނިވާ ސަރަހައްދާއި، އާޓިފިޝަލް ބީޗާއި، ރަސްފަންނު ފަދަ މުހިންމު ސަރަހައްދުތައް ހިމެނެއެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ ސެޕްޓެމްބަރު މަހު ގެނެވުނު އިސްލާހުގެ ދަށުން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރުގެ ދަށަށް ނެގުމުގެ ބާރު ވަނީ ދީފައެވެ.














