އިސްތިއުމަރީ ވެރިކަން، އިޒްރޭލުން ދެކުނު ލުބްނާނަށް ދެމުންދާ ޓެރަރިސްޓު ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އެހެންވެސް އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ދީނީ މަރުކަޒުތަކަށް ވަނީ ޙަމަލާދީފައެވެ.
ލުބްނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީއިން މަޢުލޫމާތު ދޭގޮތުގައި، އިޒްރޭލުގެ ޑްރޯނަކުން މީހުން ދިރިއުޅޭ އިމާރާތެއްގެ ފުރާޅަށް ފޮނުވާލި މިސައިލެއް ނުގޮވުމުގެ ސަބަބުން، އެ އިމާރާތުގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް މީހުން ހުސްކުރިތާ ކުޑައިރުކޮޅެއް ފަހުން، އެ ޑްރޯނުން ވަނީ ދެވަނަ މިސައިލެއް އެ ފުރާޅަށް ފޮނުވާލާފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
މީގެ އިތުރުން، ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ އައިތާ އަލް-ޖަބަލްގައި ހުންނަ ދީނީ މަދަރުސާއަކަށް އިޒްރޭލުގެ މަރްކާވާ ޓޭންކަކުން ވަނީ ބޮޑުބަޑީގެ ޙަމަލާއެއް ދީފައެވެ. އަދި ޚިޔާމް ސަރަޙައްދަށްވެސް ޑްރޯން ޙަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.














