2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް 1.72 މިލިއަން ޑޮލަރުގެ ސިއްރު ފައިސާއެއް ދީފައިވާކަން، އެމެރިކާގެ ޓެކްސް ރެކޯޑުތަކަކުން ފަޅާއެރުމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
އީ.އެސް.ޕީ.އެން އަށް ލިބިފައިވާ އެމެރިކާގެ ޓެކްސް އިދާރާ (އައި.އާރު.އެސް) ގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު މި ފައިސާ އިންފަންޓީނޯއަށް ދީފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް ހިންގުމަށް ފީފާއިން އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ ’އެފް.ޑަބްލިއު.ސީ 2026‘ އިންނެވެ.
އިންފަންޓީނޯއަށް ރަސްމީގޮތުން ފީފާއިން އަހަރަކު ގާތްގަނޑަކަށް 4.9 މިލިއަން ޑޮލަރުގެ މުސާރައެއް ލިބެއެވެ. ނަމަވެސް، ’އެފް.ޑަބްލިއު.ސީ 2026‘ އިން އިތުރަށް ދިން 1.72 މިލިއަން ޑޮލަރުގެ ވާހަކަ ފީފާގެ 2024 ވަނަ އަހަރުގެ މާލީ ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.
މާލީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މުސާރައިގެ އިތުރުން ލިބޭ މިފަދަ ފައިސާގެ މަޢުލޫމާތު ސިއްރުކުރުމަކީ ފީފާގެ އެތެރޭގެ ހިންގުމުގެ ޤަވާއިދުތަކާއި، މާލީ ހާމަކަންބޮޑުކަމުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. މިއީ އިންފަންޓީނޯގެ ނަޒާހަތްތެރިކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭނެ ކަމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ފީފާއިން ވަނީ ބަޔާނެއް ނެރެފައެވެ. ފީފާއިން ބުނެފައިވަނީ އެ އިދާރާގެ ހުރިހާ މާލީ ހިސާބުތަކަކީ މިނިވަން އޮޑިޓަރުން ބަލައި ފާސްކުރާ އެއްޗެއް ކަމަށާއި، މާލީ މަޢުލޫމާތު ހާމަކުރުމުގެ އެއްވެސް ޤަވާއިދަކާ ފީފާއިން ޚިލާފުވެފައި ނުވާނެ ކަމަށެވެ.














