މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށާއި، ތެދުދޮގު ބެލުމެއް ނެތި މީސްމީޑިއާގައި މީހުން ފަޟީޙަތްކުރުމަކީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިގެންދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މަޢުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ހިމެނެއެވެ. އަދި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވެސް މުސްލިމުންގެ ލެޔާއި، މުދަލާއި، ހަށިތަކުގެ އިތުރުން އަބުރު ރައްކާތެރިކުރެއްވިގެންވާކަން ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މީހެއްގެ އަބުރު ކަތިލެވުމުން ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމުގައި ވިޔަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު އަނިޔާއެކެވެ. މުޖުތަމަޢު އެ މީހަކާ މެދު ދެކޭގޮތް ބަދަލުވެ، އެކަހެރިވެގެންދާއިރު، ދުނިޔޭގައި އޭނާ އުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެއްގައެވެ.
މީގެއިތުރުން، މި ޒަމާނުގެ ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީސްމީޑިއާ މެދުވެރިކޮށް މީހުން ފަޟީޙަތްކުރަމުންދަނީ އެއްވެސް ފިކުރެއް ނެތި ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޒާތީވުމާއި ހިތުގައިވާ ޙަސަދައިގެ ސަބަބުން، ޅަދަރިންގެ ކުރިމަތީގައި މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގަމުންދާއިރު، މާދަމާ ޤައުމާ ޙަވާލުވާން ތިބި ޖީލަށް ދެއްކެނީ ކޮންފަދަ ނަމޫނާއެއްތޯ ޚުޠުބާގައި ސުވާލު އުފެއްދެވިއެވެ.
އަބުރަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދެމުން، މީހުންގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވުމާއި، ގޯސްކޮށް ހީކުރުމާއި، ޖާސޫސްކުރުމާއި އަދި ޣީބަބުނުން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ މިންވަރު ޚުޠުބާގައި ތަފުޞީލުކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ، އާންމުކޮށް އަބުރަށް އަރައިގަނެވެނީ ދުލުން ކަމަށްވާތީ، ދުލުގެ ނުބައިކަމުން ރައްކާތެރިވުމަށާއި، އަދި އެހެން މީހުން ޝައްކުކުރާ ފަދަ ކަންކަމުން އަމިއްލަ ނަފުސު ދުރުހެލިކޮށް އަބުރު ރައްކާތެރިކުރުމަށް ނަޞޭޙަތްތެރިވެފައެވެ.













