ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗާއި، އާމްދަނީ އަދި ސަޤާފަތާ ގުޅިފައިވާ ޒައިތޫނި އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ރޮއިޓަރސްގެ ރިޕޯޓަކާއި ޣައްޒާގެ ދަނޑުވެރިކަމާބެހޭ އިދާރާތަކާ ޙަވާލާދީ ބުނާގޮތުގައި، ހަނގުރާމައިގެ ކުރިން ޣައްޒާގައި ހުރި 2 މިލިއަން ޒައިތޫނި ގަހުގެ ތެރެއިން މިހާރު ސަލާމަތުން ހުރީ އެންމެ 150،000 ގަހެވެ. ގިނަ ގަސްތައް އިޒްރޭލުގެ ބުލްޑޯޒަރުތަކުން ވަނީ ބިމާހަމަކޮށްފައެވެ. އަދި ބައެއް ދަނޑުތައް ވަނީ އިޒްރޭލުން ކަނޑައަޅާފައިވާ ’ރީނދޫ ރޮނގު‘ ގެ އެތެރޭގައި ކަމަށްވާތީ، އެތަންތަނަށް ވަނުން ވަނީ މަނާކޮށްފައެވެ.
ގަސްތައް މަދުވުމުގެ ސަބަބުން، ޒައިތޫނި ލިބޭނެކަމަށް ލަފާކުރާ މިންވަރު ވަނީ 40،000 ޓަނުން 5،000 ޓަނަށް ދަށްވެފައެވެ. އަދި ޒައިތޫނި ތެޔޮ އުފައްދާ މިންވަރު 5،000 ޓަނުން 700 ޓަނަށް ދަށްވާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ޣައްޒާގައި ހުރި 40 ވަރަކަށް ތެޔޮ ހާނާ މެޝިނުގެ ތެރެއިން މިހާރު މަސައްކަތްކުރަނީ އެންމެ 7 މެޝިނެވެ.
ޒައިތޫނި މޫސުމަކީ ޣައްޒާގެ އެތައް ހާސް އާއިލާއަކަށް އާމްދަނީ ލިބޭ ވަރަށް މުހިންމު ދުވަސްވަރެކެވެ. ނަމަވެސް މި ސިނާޢަތު ހަލާކުވެގެން ދިއުމަކީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އިޤްތިޞާދީ ގެއްލުމެކެވެ.














