ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫޢަށް މަގުފަހިކުރުމުގެ ގޮތުން، މިހާރު ހިންގަމުންދާ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން ”އަމާން ހިޔާ“ އިމާރާތަށް ބަދަލުކޮށް، އެތަނުން އާންމުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ވަގުތީ އިމާރާތް ތައްޔާރުކުރުމަށްފަހު، މިހާރު އެތަނުން ކުއްލި ފަރުވާގެ ޚިދުމަތްތަކާއި އާންމުކޮށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މި ބަދަލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އަމާން ހިޔާގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން، ދަތިކަމެއް ނެތި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމާއެކު، ޑެންޓަލް، ފިޒިއޮތެރަޕީ އަދި ޑައިލިސިސްގެ ޚިދުމަތްތައް ވެސް އެ އިމާރާތަށް ބަދަލުކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޚިދުމަތްތައް ފުރިހަމައަށް ބަދަލުވަންދެން، އެފަދަ ފަރުވާ ބޭނުންވާ ފަރާތްތަކަށް އައިޖީއެމްއެޗް މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ހުރިހާ ޚިދުމަތެއް ވަގުތީ މަރުކަޒަށް ބަދަލުކޮށް ނިމުމުން، މިހާރު ހޮސްޕިޓަލް ހުރި ބިން ސާފުކުރުމަށްފަހު އިމާރާތްކުރުމުގެ މަސައްކަތަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއާ ހަވާލުކުރެވޭނެ ކަމަށެވެ. މުޅި މި މަރުހަލާގައިވެސް ރައްޔިތުންނަށް ސިއްޙީ ފަރުވާ ހޯދުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ގޮތަށް އިންތިޒާމުތައް ރޭވިފައިވާކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ވިލިމާލޭގެ މިހާރުގެ ހޮސްޕިޓަލު ހުރި ތަނުގައި އަޅާ 100 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތް ބިނާކުރުމާއި، އެތަނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ ހުރިހާ ޚަރަދަކާއި މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.
މިހާރު ޑީޓެއިލް ޑިޒައިނިންގ މަރުހަލާގައިވާ މި ހޮސްޕިޓަލް އެކުލެވިގެންވަނީ ދެ އިމާރާތެއްގެ މައްޗަށެވެ. އެގޮތުން އެތަނުގައި އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ފަރުވާދޭ ބައިތަކާއި، ކުއްލި ފަރުވާ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްއަށް ޚާއްޞަ ޒަމާނީ ވަސީލަތްތަކާއެކު އެނދުތައް ގާއިމުކުރެވޭނެއެވެ.
މިހާރު ވިލިމާލޭގައި ބަލިމީހުން ބެލުމަށް ބޭނުންކުރަނީ އެންމެ 3 ކޮޓަރިއާއި، ކުއްލި ފަރުވާގެ 5 އެނދު ކަމަށްވާއިރު، މި އައު މަޝްރޫޢާއެކު އެ އަވަށުގެ ސިއްޙީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.














